ހަނުހުރުމާއި މެދު

ތިރީގައި އެވާ ސުވާލު ތަކަކީ  އޭގެ ޖަވާބުތަކަކަށް އެއްބަސް ނުވެވުމުގެ  ސަބަބުން ރައްޔިތުންގެ މަޖިލީހުގައި ޚިޔާލު ތަފާތުވެގެން އުޅެންޖެހިފައިވާ ބޮޑު މައްސަލައެއްގެ ގޮތުގައި މަޖިލީހުގެ މެމްބަރެއްކަމުގައިވާ މުހައްމަދު ނަޝީދު އެމަނިކުފާނުގެ ބޮލޮގްގައި ލިޔުއްވާފައިވާ ސުވާލުތަކެކެވެ

ހަނުހުރުމުގެ ޙައްޤުގެތެރޭގައި ހިމެނެނީ ކޮން ކަންތައްތަކެއް ހެއްޔެވެ؟ ވާހަކަ ނުދެއްކުން ހެއްޔެވެ؟ ލިޔުމެއް ނުދިނުން ހެއްޔެވެ؟ ކުޑަކަމުދާ އެއްޗެހި، ނުވަތަ ލޭ ޓެސްޓުކުރަން ސާމްޕަލް ނުދިނުން ހެއްޔެވެ؟ ސޮއި ނުދިނުން ހެއްޔެވެ؟ ތިމާގެ އަތުލިޔުން ނުދިނުން ހެއްޔެވެ؟ މަޢުލޫމާތެއް ނުދިނުން ހެއްޔެވެ؟ ބައެއް ސުވާލަށް ޖަވާބުދީފައި، ބައެއް ސުވާލަށް ޖަވާބު ނުދިނުން ހެއްޔެވެ.

ހަނު ހުރުމުގެ މާނައީ , ލިޔުމަކުންވިޔަސް އަނގަބަހުން ވިޔަސް ކުރެހުމަކުން، އިޝާރާތަކުން ނުވަތަ  އެނޫން ގޮތަކަށް ވިޔަސް ، ކުރާ ސުވާލަކާއި ވިދިގެން  ނުވަތަ އެމީހަކާއި މުޚާތަބުކޮށް ދެކެވޭ ވާހަކައަކާއި ވިދެގެން ޖަވާބުދިނުމާއި މާނަ ދޭހަވާ ގޮތަށް  މުއާމަލާތެއް ކުރުމުން މަނާވެހުރުންމެވެ. ހަނު ހުރުމަކީ އިންސާނަކަށް ވީތީވެ  ލިބެގެންވާ ހައްގެކެވެ . އަދި ބާރެކެވެ. ހިތްވަރުގެ  ހުރި ވަރުގަދަ ކަމެއްގެ  ސަބަބުން ކޮންމެ ހާލަތެއްގައި ވިޔަސް މަރުވާންދެންވެސް މީހަކު ހަމަހޭގައި، ހަނުހުރެދާނެއެވެ

މީހަކު ހަނު ހުއްޓާ އެމީހެއްގެ  އަތު ލިޔުންވިޔަސް ހީސް ވިޔަސް ނުވަތ ަ އިސްތައްޓެއް  ވިޔަސް ހޯދުމުގެ ކުރީން އެމީހަކާއި ސުވާލުކޮށް އިޒްނަ ވެސް ހޯދަން ވާނެނޫންތޯއެވެ. އެމީހަކު އިޒްނަ ނުދިނުމުން ގަޔަށް އަތްލައިގެން   އުޅެގަންނަން ގާނޫނާއި އިންސާނިއްޔަތު ހުއްދަ ކުރޭތޯއެވެ…..ހިފާ ހައްޔަރު ކުރުމަކީވެސް އެ މީހެއްގެ ކިބައިން އިޒްނަ ހޯދައިގެން ކުރާ ކަމެއް ނޫނެވެ . އެމީހަކު އިޒްނަ ނުދިން ކަންމަށް ވަންޏާ ގަދަކަމުން އެމީހެއްގެ ކިބައިން މައުލޫމާތު ވެސް ހޯދަން ޖެހިދާނޭ ފަދަ ހާލަތު ތައްވެސް މެދުވެރި ވެދާނެކަން ކަށަވަރެވެ

ހަނުހުރުމުގެ ހައްގު ދޭން އެއްބަސްވާއިރު ” ވެސް ”  ސާފު ސީދާ ބަހުން، ކަށަވަރުވާގޮތަށް  ލިޔާން ޖެހޭނެއެވެ. ހަނު ހުރުމަކީ ގުދުރަތީގޮތުން ލިބިފައިވާ ހައްގަކަށްވާއިރު ހަނު ހުރުމުގެ ފުރިހަމަ އިޚްތިޔާރު ގާނޫނަކުން ދިނަސް ނުދިނަސް އަބަދުވެސް އޮވެއެވެ. އެހެނަސް ގައުމެއްގެ ގޮތުގައި މުޅި މުޖުތަމައުގެ ” ގުޅިފައިވާ ” ހައްގުތަކެއްވެސް ވެއެވެ. އެ ހައްގުތައް ދިފާއު ކުރުމަށްޓަކައި ފަރުދެއްގެ އެހީތެރިކަން ހޯދަންޖެހޭ ވަގުތު އެފަރުދަކު ހަނު ހުރެއްޖެ ކަމަށްވަންޏާ ، ކަން ކުރާނޭ ގޮތެއްވެސް  ތިބެންޖެހޭނީ ނިންމައިގެންނެވެ.

މިސާލަކަށް މީހަކު،  ކޮންމެ ސަބަބަކާއިހެދީކަމުގައި ވިޔަސް ހަނު ހުންނަން ނިންމީއެވެ. މައްސަލައަކީ  ގައުމީ ދިފާއުގެ އިންތިހާގެ ތެރޭގައި ހިމެނޭކަމެކެވެ. ގިނަ ބައެއްގެ ފުރާނައާއި ގުޅިފައިވާ ކަމެކެވެ. ހަނު ހުރިމީހަގެ ފަރާތުން ލިބޭ މައުލޫމާތަކުން ކުރިމަތިވާން އޮތްކަމަށް ގަބޫލުކުރެވިގެން އުޅޭ މުސީބާތް ހުއްޓުވިދާނެ ކަމަށް ގަބޫލު ކުރެވިގެން އުޅޭއިރުވެސް އެ މީހަކު ހަނު ބަހައްޓައިގެންގޮތް ހުސްވެފައި،  އެންމެން ،  މަރަށް އިންތިޒާރުކޮށްގެން ތިބެން ޖެހިދާނޭ ވަގުތަށް ތަންދީގެން ގަނޫނު ހަދާންވާނެތޯއެވެ؟

މީހަކު ހިނގާ ސްޓައިލާއި ސިނގެރޭޓުގައި ހިފަހައްޓާގޮތް ދެއްކުމަށް އެންގުމާއި ގުދުވާގޮތާއި އިށީންނަ ގޮތް ދެއްކުމާއި ފުނާއަޅާގޮތް  ދެއްކުމާއި ލޭ ދިނުމަށް އެންގުމާއި މިހެން ގޮސް މިފަދަ ކިތަންމެކަމެއް  ހަނު ހުރުމުގެ ތެރޭގައި  ހިމެނޭނެތޯ ނުވަތަ ނޫންތޯއޭ ކިޔާސުވާލެއް އުފެއްދިދާނެއެވެ

ބޭރު ގައުމުތަކުގެ ގާނޫނުތައް ކޮންމެގޮތަކަށް ހެދިފައި ހުރިކަމުގައި ވިޔަސް އަޅުގަނޑުމެންވެސް ޖެހޭނީ އަޅުގަނޑުމެންގެ ސިކުނޑިވެސް ބޭނުންކޮށްގެން ގަވާއިދު ތަކުގެ މަގުސަދުތަކާއި އެއިން ހައްލުވާ ކަންކަމާއި ދޭތެރޭ ފުންކޮށް ވިސްނާށެވެ. ހަމަ އެކަނި ގަވާއިދުތައް ކޮޕީކުރުމަށްފަހު އެވެނި މިވެނި ގައުމުތަކުގައި ކަންކުރަނީ އެހެނޭ މިހެނޭ ބުނެ ނިންމައިގެން ތިބުމަކީ ކަމުދާގޮތެއް ނޫނެވެ

މީހަކު ، ހަނު ބަހައްޓަން ކޮންމެހެން ބޭނުމިއްޔާ އެމީހަކު ރަނގަޅަށް ހަނު ބަހައްޓާށެވެ. ކަނޑައެޅޭ މުއްދަތުގެ ފަހުން ހަނުން ދޫކޮށް ނުލައިފިކަމަށް ވަންޏާ އެމީހަކު ގާނޫނީ ގޮޅިއަކަށް ފެތެންވާނެއެވެ. އެ ގޮޅިއަށް،  ކަމާއި ގުޅޭ ނަމެއް ކިޔަންވާނެއެވެ. އަދި ކަމުގެ ކުޑަބޮޑު މިނަށް ބަލައި އެގޮޅީގެ ކުޑަ ބޮޑުމިންވެސް ތަފާތު ވާންވާނެއެވެ.

ހަނު ހުރުމާއި މީހަކުގެ ގާތުން އެއްޗެއް ހޯދުން ނުވަތަ މީހަކު ލައްވާ ކަމެއް ކުރުވުމާއި  ވަރަށް ތަފާތެވެ. އިޚްލާސްތެރި ވާން، ބުއްދި ހުރި މީހުންނަށް ކޮންމެވެސް މިންވަރަކަށް މަޖުބޫރު ކުރެވޭ ގޮތަށް ގާނޫނު ހަދާއިރު ވިސްނާން ޖެހޭނެއެވެ. ޖޫރިމައިނާ ދައްކަން މިއޮނަ އޮތުމަކީ މިދެންނެވެ ފަދަ މިސާލެކެވެ . އެއީ އިޚްލާސްތެރިވުމަށް ކޮންމެވެސް މިންވަރަކަށް ބުއްދި ހުރި މީހުން މަޖުބޫރު ކުރުވާ ކަމެކެވެ

އިސްތިހާރު

ދީނީ އިލްމުވެރީންނަށް ސުވާލެއް

އިސްލާމް ދީން ގަބޫލު ކޮއްގެން މިގައުމުގައި ތިބި މީހުންގެ ތެރެއިން އާންމުންގެ  ބަޔަކާއި  ސިޔާސީ އިސް ސަފުތަކުގެ ބޭފުޅުންނާއި ދީނީ ބޮޑެތި އިލްމުވެރީންގެ ތެރެއިންވެސް އިސްވެ ހަރަކާތްތެރިވާ ބޭފުޅުން  ދެކެލައްވާގޮތުގައި އިސްލާމްދީނަކީ ހަމަ އެކަނި ސުވަރުގެއަށް ދާން އޮތް މަގެކެވެ. ދީނީ ހަރަކާތްތަކުގައި ގައުމުގައި އިސްވެ ހަރަކާތްތެރިވާ  ބޭފުޅުންގެ ތެރެއިން ފަރީދު، އިލްޔާސް އަފްރާޝީމް ފަދަ ބޭބޭފުޅުންގެ ބަހާއި އަމަލުން އެ ބޭފުޅުން ވެސް މި ލިސްޓުގައި ހިމެނޭކަން ސާބިތު ވެއެވެ

ދިވެހި ގާނޫނު އަސާސީގައި އިސްލާމް ދީނާއި ބެހޭގޮތުން ކޮންމެ ވާހަކައެއް  އޮތަސް އަދި ގައުމުގެ ބޮޑެތި މަގާމުތަކާއި ހަވާލުވެ ވަޑައިގަންނަވާ ބޭފުޅުން ﷲ ގަންދީ ކޮންމެފަދަ ހުވައެއް ކުރެއްވިއަސް، އިސްލާމްދީނަކީ ގައުމެއް ހިންގާން އޮތް ވަރުގަދަ ސިސްޓަމެއް ކަމާއި އެސިސްޓަމް ގާއިމް ކޮށްގެން އަޅުގަނޑުމެންނަށް ގައުމެއްގެ ގޮތުގައި އަމާންކަމާއި ތަނަވަސްކަމާއި އުފާވެރިކަން ލިބޭނޭކަމަށް  ﷲ އަންގަވާފައި ވިއަސް  އެފަދަ ބޭފުޅުންވެސް ހިތުގެ އަޑިން އެކަން ގަބޫލު ކުރައްވާ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއ ނުކުރެވެއެވެ. ހިތުގެ އަޑީން ، އެބޭފުޅުން ވިދާޅުވަމުން ގެންދަވާ ވާހައެއްކަމަށް އެބޭފުޅުން ވިދާޅުވަނީ އެ ބޭފުޅުން ތިއްބެވީ  ދިވެހި ރައްޔިތުންނަށް ހެވާއި ލާބައާއި މަންފާއަށް އެދިގން ކަމަށާއި އެބޭފުޅުން ﷲގެ މަގު އިޚްތިޔާރު ކުރައްވާހަކައެވެ. އެހެން ނަމަވެސް  ، އެބޭފުޅުންގެ މި ވާހަކަތަކަކީ ތެދުކަމަށް ގަބޫލުކުރަމޭ ބުނުން ވާނީ ދޮގަކަށެވެ. މިހެން ދަންނަވަންޖެހޭ ސަބަބު ތިރީގައި އެ ވަނީއެވެ

ކީރިތި ގުރުއާނުގައި ، ގައުމެއް ހިންގުމުގައި އަމަލު  ކުރާންވީގޮތުގެ އޮނިގަނޑު ބައްޓަން ކުރާނވީ ގޮތް މާތް ﷲ އަންގަވާފައި އެބައޮތެވެ. އެކަމަކު ދިވެހި ދީނީ އިލްމުވެރީން ،އެފަދަ އޮނިގަނޑެއް ބައްޓަން ކުރާނޭގޮތަކަށް   އުޅެގަތުމަށް އަޅުގަނޑުމެންނަށް މަގުދައްކަން އުޅެނުގަނެ އެތިއްބެވީ ކޮން ސަބަބަކާއިހެދީތޯއެވެ. މި ސުވާލުގެ ޖަވާބު އެބޭފުޅުން ދޭންޖެހޭނޭ ދުވަސްވެސް ދުރޭ ދެންނެވުންވާނީ ގޯހަކަށެވެ . ބުއްދީގެ ހަމަތަކުން ޖަވާބު އެބޭފުޅުންނަށް ދެވެން އޮންނާނީ ދެގޮތަކަށެވެ.  ކީރިތި ގުރުއާނުގައި ގައުމެއް ހިންގަން އުޅެގަންނާންވީގޮތް ބަޔާން ކޮށްފައިވާކަން ތިމަންމެން ނުދެނަތިބީމޭ ބުނެ ޖަވާބު ދެއްވުން ނުވަތަ ކީރިތި ގުރުއާނުގައި އޮތްގޮތަށް އުޅެގަނެގެންނަކުން ތިމަންމެންނަށް ގައުމެއްގެ ގޮތުގައި ކުރިއެރުމާއި އުފާވެރިކަން  ލިބޭނޭކަމަކަށް ތިމަންމެން ގަބޫލެއް ނުކުރަމޭބުނެ ދެއްވާ ޖަވާބެވެ

ނުސީދާކޮށް ، މީގެ ތެރެއިން ދެވަނަ ގޮތަށް،  އަޅުގަނޑުމެންގެ ރައީސުލް ޖުމްހޫރިއްޔާ މިހާރު ވަނީ ޖަވާބު ދެއްވާފައެވެ. ދެން އޮތީ ދީނީ އިލްމުވެރީންގެ ޖަވާބެވެ ނުވަތަ ވިދާޅުވާން އޮތިއްޔާ އޮތް ބަސްފުޅެވެ . ފަހުބަހަކީ ރައްޔަތުންގެ ބަހެވެ. ލަސް ނުކުރައްވާށެވެ.  ޓިކް  ޓޮކް  ޓިކް  ޓޮކް  ޓިކް   ޓޮކް . ގަޑި އެބަ ހިނގައެވެ

ކޯފާވެގެން އުޅުއްވާ ސިޔާސީ ބޭފުޅުންނަށް

ދިވެހި ރައީސުލްޖުމްހޫރިއްޔާއާއި ބައެއް ސިޔާސީ ލިޑަރުން ގިނަފަހަރު  ވާހަކަފުޅު ދައްކަވާއިރު އެ ވާހަކަފުޅުދައްކަވަނީ ކޯފާ އިސްވެ ތިއްބަވައިގެން ކަން އަޅުގަނޑަށް އިހްސާސްވި ކިތަންމެ ފަހަރަކާއި  ދިމާވެއްޖެއެވެ. އަޅުގަނޑެކޭ އެއްފަދައިން މިކަން އިހްސާސްވާ ކިތަންމެ މީހުންނެއް މި ރާއްޖޭގައި އެބަތިއްބެވެ.   އެ ބޭފުޅުން ބަސް ބޭނުންކުރައްވާ ގޮތާއި ކަމެއް އަންގައިދިނުމަށް ބޭނޫން ކުރައްވާ ލަފްޒު ތަކާއި ޖުމްލަ ބެނުންކުރައްވާ ގޮތާއި އަޑުފުޅުގެ ރާގު ހުންނަގޮތުން ވަރަށް ގިނަ ފަހަރު  ކަންބޮޑުވުން ފާޅުކުރާ  މީހުން ވަރަށް ގިނައެވެ.

އިންސާނުން ރުޅި އައުމަކީ ތަބީއީ ކަމެކެވެ. ވީމާ  މީހަކު ރުޅި އައުމަކުން ،  އެމީހަކީ ގައުމެއްގެ ރައީސަކަށްވިޔަސް ހައިރާންވާކަށްވެސް ނުޖެހެއެވެ. މިކަން އޮތީ މިހެން ކަމުގައިވިއަސް އެހެން ކަންކަމެކޭ އެއް ފަދައިން ރުޅިއަކީވެސް ކޮންޓްރޯލަކާއި ހައްދެއްވެސް އޮންނަންޖެހޭ ކަމެކެވެ.  ޚާއްސަކޮށް  ގައުމެއެއްގެ ރައީސާއި ސިޔާސީ ޅީޑަރުންނަކީ އާންމު ތަންތަނުގައި އެބައެއްގެ ރުޅިއާއި އެހެނިހެން އިހްސާސްތަކުގެ އިމުން ބޭރުވާބަޔަކަށް  ވެއްޖެއްޔާ އާންމުންގެ ތެރެއަށް އޭގެ އަސަރު ނުފޯރާ ނުދާނޭކަން ޔަގީނެވެ. މިހެން މިކަން ވާ ފަހަރު(ރުޅިވެރިކަން ދައްކަވާ ފަހރު) އެފަދައިން އަމަލު ކުރާ މީހެއްގެ އަމިއްލަ އެދުން ފިޔަވާ އިތުރު އެއްޗެއް ނުފެންނާނެއެވެ. އެފަދައިން އަމަލު ކުރައްވާ ބޭފުޅުން ‘އެންމެހާ’ ރައްޔިތުންނާއި ދޭތެރޭ ނުވިސްނަވާކަން ފާޅުވެއެވެ.

ރުޅި، އޭގެ ޒާތުގައި މީހާގެ އެތެރޭގައި ހުންނަ ފީކަޅާ އިހްސާސްތައް ބޭރު ކޮށްދީ ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމުގައި އެހީތެރިވެދޭ ވެސް މެއެވެ. އެހެނަސް ރުޅީގެ ކޮނޓްރޯލް އޮންނާން އެންމެ ރަނގަޅީ އެމީހެއްގެ އަތުގައެވެ. ރުޅީގެ އަތުގައި މީހާނގެ ކޮނޓްރޯލް އޮނަނަގޮތް މެދުވެރި ވެއްޖެއްޔާ އެމީހަކުގެ މިސްރާބު އެހެރީ  ހިތާމަޔަށްޖަހާފައެވެ. އެމީހަކާއި އެކީ އުޅޭ ބަޔަކަށްވެސް އޭގެ އަސަރު ކުރާނި ހިތިކޮށެވެ. މިސްރާބު ބަދަލު ކުރަންޏާ ރުޅި ޖެހޭނީ ވިސްނުންތެރިކަމާއ ހިކްމަތްތެރިކަމާއިއެކީ ކޮނޓްރޯލް ކުރާށެވެ.

ރުޅީގެ އިމުން ބޭރުވުމުން ދިމާވަ މައަސަލަތަކުގެ ތެރޭގައި ލޭމައަޗަށް ދިއުމާއި ވިސްނުން ކަތި ކުރުމާއި  ދެވައްތަރުގެ ސިއްހަތައް ގެއްލުން ދިނުން ހިމެނެއެވެ.

ފްރާންސްގެ މަޝްހޫރު ސައިކޯ އެނަލިސްޓެއް ކަމަށްވާ ޖެކުއީޒް ލަކާން ވިދާޅުވެފައިވާ ގޮތުގައި  އެއްވެސް މީހަކު  ހަގީގަތުގެ އަލީގައި އަޅުގަނޑުމެންނަށް އިންޒާރެއް ދިނުމުން އެންމެ އާދައިގެ އަދި އެންމެ އަވަހަށް   އަޅުގަނޑުމެންނަށް ނެގޭ އައްޑަނައަކީ އަޅުގަނޑުމެންގެ ބަލިކަށިކަމުގެ ހަގީގަތް ފޮރުވުމަށްޓަކައި   އަޅުގަނޑުމެންގެ އަތުގައި ވަރަށް  ބޮޑު ބާރެއް ވާކަން ދެއްކުމަށްޓަކައި މަސައްކަތް ކުރުމެވެ. އެހެނަސް މިފަދަ ގޮތަކަށް އުޅެގަތުމުން އެއްކިބާވެގެން މެނުވީ އަޅުގަނޑުމެންނަށް ގައުމެއްގެ ގޮތުގައި ކުރިއަށް ދިއުމަށްޓަކައި ހުރި ހުރަސްތައް ނައްތާލަން ދަތިވާނެއެވެ

OOOOOOOOOOOOOOOOOOOOOO

ރަސޫލާގެ ހަދީސްފުޅެއްގައި ވެއެވެ. ބާރުގަދަ މީހާއީ ބާރުގެ ބޭނުން ކޮއްގެން އަނެކާގެ މައަޗަށް ގަދަވެގަންނަ މީހާއެއް ނޫނެވެ. ބާރުގަދަ މީހާއީ އެމީހާގެ އަމިއްލަ ރުޅީގެ މައްޗަށް ގަދަވެގަންނަ މީހާއެވެ

ބުއްދާ ވިދާޅުވެފައިވެއެވެ . ތިބާ ރުޅިއައުމަކުން އެކަމަށް އަދަބެއް ދޭނެ މީހަކު ނުވެއެވެ. ތިބާގެ ރުޅި، ތިބާއަށް  އަދަބު ދޭނެއެވެ

ބައިބްލްގައި ވެއެވެ.  ތިބާއަށް މިނިވަންކަމަށް ގޮވާލުމަށް ގޮވާލެވުނީ ހަމައެކަނި ބޭރުފުށުގެކަމަކަށް ހެދުމަކަށް  ނޫނެވެ . ލޯތްބާއިއެކީ އެކަކު އަނެކަކަށްޚިދުމަތް ކުރުމުގެ މަގު ތަނަވަސްކުރުމަށެވެ

ކުދި ކުދި ކަންކަމަށް ، ތިބާ ރުޅި އަރުވާލުމުގެ ބާރު ލިބިގެންވަންޏާ އެއިން  ތިބާގެ ސައިޒް އަންގާނުދޭތޯއެވެ – ޖޭ . ހެރިސް

އުފެދެމުން އަންނަ ދީނީ އޮއެވަރަށް ނަޒަރެއް

ދިވެހިރާއްޖެ އަކީ ސަތޭކަ ޕަސެންޓް މުސްލިމް ގައުމެކޭ ބުނެވޭ ބަހުގެ މާނައަކީ ދިވެހި ރާއްޖޭގެ ރައްޔިތުކަމުގެ ދަށުގައި ތިބި އެންމެހާ މީހުންނަކީ މުސްލިމުން ކަމުގައި ބުނުމެވެ.އެހެނަސް ހަގީގަތުގައި ދިވެހިރައްޖެއަކީ ސަތޭކަ ޕަސެންޓު މުސްލިމް ގައުމެއްނޫނެވެ.ދިވެހިރާއްޖޭގެ މުސްލިމް ނޫން މީސްމީހުންނާއި  ބަހުސު ކުރާން ދިމާވާ މީހުންގެތެރެއިން އަޅުގަނޑުވެސް ހިމެނެއެވެ.  އެފަދަ މީހުން ކުރިމަތިކުރާ ސުވަލު ތަކަކީ ދުނިޔޭގައި ނަން މަޝްހޫރު، އިސްލާމްދީނާއި ދެކޮޅު ފަރާތްތަކުގެ އުފެއެއްދުންތަކެވެ. މިހެންކަމުން އަޅުގަނޑުމެންގެ ތެރެއިން  އަގީދާ ބަލިކަށި މީހުންނަށް ހިތުގެ އަރާރުމަކަށް ވާ ވަރަށް އެމީހުންގެ  ސުވާލުތަކާއި ޖަދަލުތައް ވަރުގަދައެވެ. . އަޅުގަނޑުގެ ގާތް މީހަކަށް މިހެން ދިމާވުމުން އަޅުގަޑާއި ފޯނުން ގުޅާފައި މިވާހަކަ ދެއްކިއެވެ.  ބުންޏެވެ.  ތިމަންނާގެ ކާރީގައި މިވެނި މީހަކު ދެއްކި ވާހަކަ ތަކަށްފަހު މިއުޅެނީއިސްލާމް ދީނާއިމެދު  ޝައްކު އުފެދިގެންނެވެ

ޔަގީން ކަމާއިއެކު އެނގޭ ކަމަކީ މިފަދައިން އިސްލާމދީން ބަލިކަށި ކުރުމުގެ ފިކުރު ހުރި މީހުން އެމީހުންގެ ވާހަކަ ފަތުރަމުންދާކަމާއި  އެމީހުންގެ ވާހަކަތަކަކީ އަގީދާ ބަލިކަށި މައުލޫމާތު މަދު މީހުންނަށް ހުރި ބިރެއްކަމެވެ.  އަޅުގަނޑު  ތަފާތު ގައުމުތަކުގެ  މީހުންނާއިއެކުވެސް ދީނުގެ ވާހަކަ  އާއި ސިޔާސީ ވާހަކަ ދައްކާ ހަދަމެވެ.  އެހެންނަމަވެސް ދިވެހީންގެ ތެރެއިން ދިމާވި މުސްލިމު ނޫން މީހުންނާއި އެމީހުންގެ ވާހަކަ ދެއްކުމުގެ ވައްޓަފާޅި ވަރަށް ތަފާތެވެ. ތަފާތަކި ގަދަރު ކުރުމުގެ ތަފާތެވެ.  ދިވެހީންގެ ތެރއިން މިފަދައިން ދިމާވާ މީހުން  ހަމަ ސީދާ ރަސޫލާއަށް ވެސް ނިސްބަތް ވާހަކަ ދައްކަނީ އެންމެ ބާޒާރުމަތީ ބަހުރުވައިންނެވެ. ބޭރު މީހުން ވަހަކަދެއްކުމުގައި ގަދަރުކުރެއެވެ.  މިތަފާތު ހުރުމުންދިވެހި މުސްލިމު ނޫން މީހުންގެ ބޭނުން އަޅުގަނޑަށް އިހްސާސް ކުރެވެއެވެ. ބޭނުމަކީ އަޅުގަނޑުމެން ރުޅި އަރުވާ އަޅުގަނޑުމެން ލައްވާ ގޯސް ހެއްދުމެވެ. މިވަގުތު ދިވެހި ގައުމުގެ ކަންތައްތައް މިދާގޮތުން އަދި މާގިނަ ދުވަހެއްނުވެ މިފަދަ މީސްމީހުންނަށް  އާންމު ތަންތަނުގައި  ދީނާއި އިދިކޮޅަށް ވާހަކަދެއްކުމުގެ ފުރުސަތު   ލިބޭނެކަމަށް ބެލެވެއެވެ. ދިވެހި މުސްލިމުންނަށް އަޅުގަނޑުގެ ނަސޭހަތްތެރިވާނީ  މިފަދަ މީސްމީހުންނާއި ދިމާވެ ވާހަކަ ދައްކަން ޖެހުނަސް ރުޅި އިސްނުކުރުމަށެވެ،  ނޭނގޭ ހިސާބަށް ދިޔުމުން ތިމަންނާއަށް ތިސުވާލުގެ ޖަވާބެއް ނޭނގެއޭ ބުނެ ނިންމާލުމަށެވެ،  ފަހުން ، އެނގޭ ކަމަށް ގަބޫލު ކުރެވޭ މީހަކާއި ސުވާލު ކުރާށެވެ، ހަޑިހުތުރު ބަހުން މާތްﷲ އަށާއި ރަސޫލާއަށް މުޚާތަބު ކުރުމުން އެކަން އެހެން ނުކުރުމަށް އެދޭށެވެ .  ދެންވެސް ހުއްޓާނުލިއްޔާ އެމީހެއްގެ ކައިރިން ދުރުވެގަންނާށެވެ. އަދި އެއްވެސް ގޮތަކަށް އެއްވެސް ހާލަތެއްގައި ހަޑިހުތުރު ބަހުން އެއިން މީހަކާއި މުޚާތަބު ނުކުރާށެވެ. އިސްލާމް ދީނަކީ ތަޅާފޮޅުމަށް ބާރުއަޅާ ދީނެއްކަން ދެއްކުމަކީ އެމީހުންގެ ފުރަތަމަ މަގުސަދެވެ. މި ފުރުސަތު ހަމަ ހިލާ ނުދޭށެވެ

މި ފަދައިން އިސްލމަދީނާއި ދެކޮޅު މީހުންގެ އެންމެ ބޮޑު އެއް ހަތިޔާރަކީ ޑާވިންގެ ތިއަރީ އޮފް އިވޮލިއުޝަނެވެ. ހަމަ އެއާއި އެއްކޮށް ރަސޫލާގެ ހަޔާތްޕުޅުގެ ވާހަކަތަކުން ހަދީސްތަކުގެ ބޭނުންކޮށްގެން ނާއި އާޔަތުން މިސާލު ނަގައި ރަސޫލާގެ ކައިވެނި ތަކުގެ ވާހަކަ ދައްކައ ކުޑަކުއްޖަކާއިކައިވެނި ކުރެއްވައި ހެއްދެވި ވާހަކަ ތަކާއި އެކި ހަނގުރާމަތަކުގައި ކަނޑައެޅިގެން ރަސޫލާ މީސްމީހުންނަށް އަނިޔާ ކުރެއްވި ކަމަށާއި މިފަދަ އެތައް ކަމެއް އްރަސޫލާ ކުރެއްވި ކަމަށް އެމީހުން ދައުވާ ކުރެއެވެ.  އެމީހުން ފިލާ ތިބެން ޚިޔާރު ކުރަނީ ސައިންސުގެ ފުރަގަހުގައެވެ. އެހެނަސް ސައިންސަކީ ހަމަ އަޅުގަނޑުމެނގެ ވެސް އެޗެކެވެ. މިފަދަ މީސްމީހުން މިގައުމުގައި ތިބި އިރުވެސް އަޅުގަނޑުމެން ހަމަ  އެބައި މީހުން ވެސް މުސްލިމް ކަމަށް ބުނެ ދިވެހި ގައުމަކީ ސަތޭކަ ޕަސެންޓް މުސްލިމް ގައުމެކޭވެސް ކިޔަންވީތޯއެވެ.

ޑާވިންގެ  ތިއަރީ އޮފް އިވޮލިއުޝަނަކީ އިސްލާމދީނާއި ފުށުއަރާ ތިއަރީއަކަށް ވީނަމަވެސް ދިވެހި ތައުލީމީ އޮނިގަނޑުގެ ތެރޭގައިވެސް މި ތިއަރީކިޔަވައިދޭއިރު އެއާއި ވިދިގެން އެއްވެސް ދީނީ މައުލޫމާތެއް ދަރިވަރުންނަކަށް ކިޔައެއް ނުދެއެވެ. ސައިންސް ޓީޗަރު ކިޔާދޭ އެއްޗަކާއި އިސްލާމް ޓީޗަރުގެ ބަހާއި ދިމާ ނުވާ ކަން ދިވެހި ގައުމު ހިންގަންތިބި އެންމެންނަށް ވެސް އެނގެއެވެ. ހަމަ ކަށަވަރުން އޮނިގަނޑު ބައްޓން ވެފައި އޮތް ގޮތުން ދަރިވަރުންނަށް ބޮޑަށް ގަބޫލު ކުރެވޭނީ ސައިންސް ޓީޗަރުގެ ވާހަކައެވެ .އެހެނަސް ކުރާކަށް ކަމެއް އަދިއެއް ނެތެވެ. އަޅުގަނޑުމެންނަށް ، ރަނަގަޅަށް ބަޔަކަށް އެއްޗެއް އުނގަންނައިދެވޭނީ ދެކޮޅުގެ މައުލޫމާތުވެސް ދީގެންނެވެ. ވީމާ އަޅުގަނޑު މިދައްކަނީ ތިއަރީ އޮފް އިވޮލިއުޝަން ތައުލީމީ އޮނިގަނޑުން ނެރެލާ ވާހަކަ ކަމަށް ހީފުޅު ނުކުރައްވާށެވެ. އަޅުގަނޑުމެންނަށް ކިޔަވާ ކުދީންނަށް ތިއަރީ އޮފް އިވޮލިއުޝަނަކީ ކޮބައިކަން އުނގަންނއިދީފައި އެއީ ހަމަނުޖެހޭ  ތިއަރީއެއްކަން ބުއްދީގެ ބޭނުން ކޮށްގެން ސާބިތު ކޮށްދެވޭނެއެވެ. ތިއަރީ އޮފް އިވޮލިއުޝަން ސައިންޓިސްޓުން ގަބޫލު އެގެ ވަހަކަ ސައިންސް ޕރޮގްރާމް ތަކުގައި ކިތަންމެ ގިނައިން ދެއްކިއަސް އެއީ  ސައިންސެއް ނޫނެވެ

މަޝްހޫރު ސައިން ޗެނަލްތަކުން ދައްކާ ޕްރޮގްރާމް ތަކުގައި އަބަދު އިވޯލްވާ ވާހަކަ ދެއްކުމުން ބައެއް މީހުންނަށް އެއީ ތިޔަރީއެއްކަން އޮޅިފައި ތިބި އެތައް ބަޔަކު މި ގައުމުގައި ވެސް އެބަ ތިއްބެވެ. ދީނީ އިލްމުވެރިން މިފަދަ މީސްމީހުންންގެ  ކައިރީގައއި ދީންގަބޫލު ކޮށްގެން ތިބި ބަޔަކާއި ދައްކާގޮތަށް ދީނީވާހަކ ދެއްކިއަސް ފައިދާ ކުރާނޭ ކަމަކަށް ނުބެލެވެއެވެ

ތިއަރީ އޮފް އިވޮލިއުޝަން ބުނާ ގޮތުން  އިންސާނުން  އުފެދުނީ އެތަކެއް މިލިއަން އަހަރު ކުރިން ދިމާވި އެކްސިޑެންޓަކުން  އުފެދުނު ސެލްއެއް ގެ ސަބަބުންނެވެ .  އެސެލް ސަލާމަތުން ހުންނަން ކުރާންފެށި މަސައްކަތުން  މާހައުލުގެ ކަންކަން ހުރި ގޮތުން ހަށިގަނޑަށް އެކި ބަދަލުތައް ގެންނާން ޖެހިގެންހަށިގަނޑުގެ ބައްޓަމަށް ބަދަލު އައިސް އެތައް މިލިއަން އަހަރު ފަހުން ގުނަވަންތައް އުފެދި  މަސްމަހުގެ  ސޫރަ ލިބި  ބައެމަސްތައް އެހެން ދިރޭއެއްޗެއްސަށް ބަދަލުވެ މިހެން ގޮސް ގުނަވަންތަށް އުފެދި  ފެނުގައި އުޅެ އެއްގަމަށް ބަދަލުވެ  މިފަދަ ކަންތައްތަކެއް ކަޑައްތު ކުރަމުން ގޮސް މަކުނުން އައިސް އިންސާނުންނަށް ވީއެވެ. ހުރިހާ ދިރޭ ތަކެއްޗެއްގެ ބައްޕައަކީ އެއްކަލަ ފުރަތަމަ އުފެދުނު  ސެލް ކަމަށް މި ތިއަރީ ގަބޫލު ކުރެއެވެ.

ޑިމޮކްރަސީއެއްގެ ބޭނުމަކީ ގައުމެއްގައި ދިރިއުޅޭ ބަޔަކަށް ވީ އެންމެ ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ހަމަޖައްސައިދިނުން ކަމަށް ގަބޫލު ކުރަންޏާ އެވަގުތަކު އެ ގައުމެއްގައިއޮތް މެޖޯރިޓި ގަބޫލު ކުރާ ދީނެއް އާލާކޮށް ވަރުގަދަ ކުރުމަށް މަސަތްކަތް ކުރުމަކީ ގައުމު ހިންގާ މީހުންގެ ވާޖިބެކެވެ. އެހެން ދީނެއް ގަބޫލު ކުރާ ބަޔަކު ސުލްހަވެރިކަމާއިއެކީ  ތިބިއްޔާ އެބަޔަކަށް ވެސް ގަދަރު ކުރުމާއި އެކީ ގައެވެ . އެހެނީ ތަރއްގީ ވުމުގެ ދުވެއްޔަކީ އިޖްތިމާއީ ހަމަޖެހުމާއި ގުޅިފައިވާ އެއްޗަކެވެ. ސަރުކާރު ހިންގަވާ ބޭފުޅުން އިސްލާމް ދީން ގަބޫލު ކުރުމާއި ނުކުރުމަކީ ދީން ކުރިއަރުވައި ގައުމަގައި ހަމަޖެހުން ގާއިމް ކުރަން މަސަތްކަތް ނުކުރަންވީ ސަބަބެއް ނޫނެވެ. އެހެނީ ގައުމަކީ އެއްވެސް މީހެއްގެ  އަމިއްލަ މިލްކެއް ކަމަށް ނުވާތީއެވެ

ދިވެހި ރައްޔިތުން ވާނީ ކޮންމެ ވާހަކައެއްދެއްކިއަސް  ހަމަ ދިވެހި ރައްޔިރުން ނަށެވެ. ކޮންމެ މީހަކަށްވެސް  އެ މީހަކު ޚިޔާރު ކުރި ދީނެއްގައި އުޅެވޭނެއެވެ.  ދީނުގެ އަގީދާ އަކީ ހިތުގައި އޮންނަ އެއްޗެކެވެ. އެކަމެއް ބަދަލެއް ނުކުރެވޭނެއެވެ . އެހެނަސް  އަޅުގަނޑުމެންގެ މުޖުތަމައުގައި އެންމެންނަށް ފެނި، އަޑުއިވޭފަށުގައި ކުރާނޭ ކަންތަކާއި ނުކުރާނޭ ކަންތައް އަޅުގަނޑުމެންގެ ގައުމުގެ މެޖޯރިޓިއަށް އަބަދުވެސް ނިންމޭނެއެވެ

ދިވެހި ރަސްމީ ޓީވީ އިން ތިއަރީ އޮފް އިވޮލިއުޝަންގެ ވާހަކަ ކުޑކުދީންގެ ބޮލަށް ވަންނަގޮތަށް ބޭރުން އެތައް ވިސްނުމަކާއި ސައިކޮލޮޖީއެއް ބެނުންކޮއގެން ތައްޔާރު ކޮށްފައިވާ  އިޝްތިހާރު ފަދަ ތަކެތި ހަދާ ދައްކަމުންދާއިރު ގައުމުގައި ތިބި އިލްމުވެރީން ކޮންމެވެސް ވަރަކަށް ވިސްނާން ވެއްޖެއެވެ. ހަމަކަށަވަރުންވެސް މި  ވާހަކަދައްކަން  މިހާރު ޖެހިއްޖެއެވެ. ނޫނީ ކުއްލިއަކަށް ސިހުމަކާއި އެކީ މިކަމާއި ކުރިމަތިލާންޖެހޭއިރު އޮންނާނީ މާ ބޮޑަށް ލަސްވެފައެވެ

ދީނީ ނަސޭހަތް ތެރީންނަށާއި ރައީސަށް

ދިވެހި ރާއްޖެއަށް އިސްލާމް ދީން އައުމާށްފަހު ފާއިތު  ވެގެންމިދިޔަ ޒަމާންތަކުގައި ދިވެހީންގެ ތެރެއިން ގިނަ ބަޔަކު ތިބީ އިސްލާމދީން ގަބޫލްކޮށްގެން ކަމަށް ބެލެވެއެވެ. އެހެނަސް ފާއިތުވެދިޔަ ދިޔަ މުއްދަތުގެ ތެރެއިން ފަހު 40 ވަރަކަށް އަހަރުގެ ތެރޭގައި ދިވެހި ރާއްޖޭގެ ދީނީ އިލްމު ވެރިންނާއި އާންމުންގެ ވިސްނުމުގެ ފަރުވާކުޑަކަމުންނާއި ސަރުކާރުގެ ޕޮލިސީތަކުގެ ދޯދިޔާ ކަމުން މިއަދު ދިވެހީން މިވަނީ ދީނީ ދެބައިވުމެއްގެ ހުރަސްމަގުގައެވެ.

ދީނާއިހެދީ ދިވެޙިން ތަޅާފޮޅާ ހިސާބަށް ގައުމުގެ ކަންތައް ދިޔުމުން އެކަމުން އުފަލާއި މަންފާ ލިބޭނޭ ބަޔަކު ދިވެހި ސަރުކާރުގެ ބޮޑުންގެ ތެރޭގައްޔާއި އާންމުންގެތެރޭގައިވެސް އެބަތިއްބެވެ. އެއީ އިސްލާމީ ޓެރަރިސްޓުން ދިވެހި ގައުމުގައި އުފެދިއްޖެ ކަމަށް ބުނެ އިސަލާމް ދީނަށް މަލާމާތް ރައްދު ކުރުމުގެ ދަނޑިވަޅު ހޯދައި އިސްލާމްދީނަކީ ތަޅާފޮޅުމަށް މަގުފަހިކޮށްދޭ ދީނެއްކަން ސާބިތުކޮށްދިނުމުގެ ބޭނުމުގައެވެ.

މިއީ ދިވެހި ސިޔާސީ މަޝްރަހް  ހަލަބޮލިކޮށް އޮތް ދުވަސްވަރެކެވެ. އޮޑިޓަރ ޖެނެރަލް އެއްގެ މަގާމުގެ ވަޒީފާގެ ސަބަބުން  ދިވެހީން އެކަކު އަނެކަކު ގަޔަށް ގާ އުކާ ލޭއޮހުރުވާ ހަދަމުންދާ މިފަދަ ނާޒުކު ދަނޑިވަޅެއްގައި ، ދިވެހީންގެ ގިނަ ބައެއްގެ ހިތުގެ އަޑީގައިވާ އެއްޗެއް ކަމަށްވާ އިސްލާމްދީނުގެ ކަންކަމާއި ބެހޭގޮތުން ދިވެހީންގެ ރައީސް ، މީސްތަކުންގެ ލޭ ހޫނުވާ ޒާތުގެ ވާހަކަ ، ކިތަންމެ ހަމަޖެހޭ ވާހަކައަކަށްވިއަސް ދެއްކުމުން  ދޭހަވާ ކަންތަކެއް އެބަހުއްޓެވެ.

ދިވެހި ގައުމުގެ ހަމަޖެހުމަށްވުރެން އެމަނިކުފާނު ބޭނުންފުޅު އެހެން ކަމެއް އެބަ ވާކަން. އެމަނިކުފާނުގެ ނަޒަރުގައި ރައީސަކަށްވިއަސް ކަތީބަކަށް ވިއަސް ރަނަގަޅު ކަމެއްކުރާން ނުވަތަ ރަނގަޅު ވާހަކައެއް ބުނާކަށެއް ވަގުތެއް ވަގުތެއް ނޯންނާނޭކަން. އެމަނިކުފާނު ދެއްކެވި ވާހަކަފުޅުން ނިކުންނާނޭ ނަތީޖާ ބަރާބަރަށް އެމަނިކުފާނަށް އެނގިލައަވާކަން އަދި އެނަތީޖާ ފޮނިވާނޭކަން.  ރައީސް ނަޝީދުގެ ނަޒަރުގައި ޝޭޚުން ސުވަރުގެއާއި ނަރަކައާއި ގުޅޭގޮތުން ދެއްކެވި ވާހަކަ ފުޅުތަކަކީ ތާކުންތާކު ޖެހޭ ވާހަކަތަކެއް ނޫންކަން. ޝޭޚުންގެ އެ ވާހަކަތައް  ތާކުންތާކު ޖެހެއްންޏާ  އިސްލާމދީން ތާކުންތާކު ނުޖޭހޭކަން. ރައީސް ގެ ބުއްދިފުޅު  އެވާހަކަދެއްކެވިއިރު ރަނގަޅިއްޔާ،  މިއިން ކޮންމެވެސް އެއް ދޭހައެއް ރަނގަޅުނުވެ ނުދާނެއެވެ.

ރައީސަކު ވިއަސް ކަތީބަކު ވިއަސް، ބަޔަކު މީހުންގެ ކުރިމައްޗަށް ނިކުމެ ވާހަކަ ތަކެއް ދައްކާ ދެއްކުމުން ނެރެން ބޭނުން ނަތީޖާއެއް އޮންނާނެކަން ކަށަވަރެވެ.  ރައީސް ނަޝީދުވެސް ދިވެހި ގައުމަށް ލާބައާއި މަންފާ ފިއަވާ އިތުރު ކަމެއް ގެންނަވާކަށް ބޭނުންފުޅުވާނޭ ހެނެއް ހިޔެއް ނުވެއެވެ. އެމަނިކުފާނުގެ ގިނަ ގާތްތިމާގެ މީހުންނާއި އާއިލާ އާއި އަނބިދަރީން ތިބީ މި ގައުމުގައެވެ. މި ގައުމުގެ ވެރިކަން އެމަނިކުފާނު ކުރައްވާ ނިންމަވާއިރު ގައުމު  ބޮޑުސިންގާ ހަލާކެއްގެ ތެރެއަށްވައްޓާލާފާ ނިންމާލާކަށެއް ބޭނުންފުޅު ވާނޭހެނެއްވެސް ހިޔެއްނުވެއެވެ.

ރައީސް ނަޝީދު ކޮންމެ ގޮތަކަށް ހުންނެވި ކަމުގައި ވިއަސް އަޅުގަނޑުމެންވެސް ތިބެންވާ ގޮތެއްވެސް އޮންނާނެކަން ކަށަވަރެވެ. އެހެނީ އަޅުގަނޑުމެން އާންމު  ރައްޔިތުންގެ ވެސް ގާތްތިމާގެ މީހުންނައި އަނބިދަރީންވެސް ތިބީމައެވެ. އަދި އެމަނިކުފާނާއި އެއްވަރަކަށް ރައްކާތެރިކަމެއް އަޅުގަނޑުމެންނަކަށް ނެތެވެ

މިހާ ހިސާބަށް ދީނީ ކަންތައް  އަންނަން މެދުވެރިވި ސަބަބު ތަކާއި ބެހޭ ގޮތުން ޝޭޚުން އެބަ ވިސްނާންޖެހެއެވެ.  އަދި އިތުރުން ދިވެހީންގެ ތެރޭގައި ތިބީ ހުސް މުސްލިމުން ނޫންކަން ވެސް ޝޭޚުން އެބެ ގަބޫލު ކުރައްވަންޖެހެއެވެ. ރީތިކުރަން  ދިވެހިރާއްޖެއަކީ  ސަތޭކަ  ޕަސެންޓް މުސްލިމް ގައުމެކޭ  މިކިޔާ ކިއުމަކީ ދޮގެއްކަން ދަނެތިބެ މި ގައުމުގެ ރައްޔިތުންގެ ގޮތުގައިތިބި އިސްލާމްދީން ގަބޫލުނުކުރާ މީހުންނަށްވެސް ވިސްނައިގެން  އެފަދަ މީސްމީހުން އިސްލާމްދީނަކީ ކޮބައިކަން ދަސްކޮށްދޭން ހިތުއަޅައިގެން ތަގުރީރުތައް ބައްޓަން ކުރުމަކީ ބުއްދިވެރިކަމެއްކަށްވާނެއެވެ .ދިވެހިރާއްޖޭގައ ދައްކަންވީ ހަމަކެނި ދީނުގައި ކަންތައް އެނގެވި ގޮތްތަކުގެ ވާހަކައެއް ނޫނެވެ. ހަށަން ބަންނަ ހިސާބާއި ނަރަކައިގެ ފުންމިނާއި ސުވަރުގޭގެ އަރާމުވާހަކަ އެކަންޏެއްވެސް ނޫނެވެ. ދިވެހީންނަށް ދީނަށް ގޮވާލަންވެސް އެބަ ޖެހެއެވެ. ﷲ ގަބޫލު ނުކުރާ މީހަކަށް އާޔަތެއް ހަދީސެއް ކިޔައިދިނުމަކުން އޭގައި އޮތްވާހަކައެއް ގަބޫލު ކުރެވޭނީ ކިހިނަކުންތޯއެވެ.

އެކަލާނގެއީ އިންސާނުންނަށް ކަންކަންކުރުމުގެ ގާބިލުކަން  ދެއްވި ރަސްކަލާނގެ އެވެ. އަދި އެ ގާބިލުކަމުގެ  ބޭނުންހިފާ މީހުންނަށް ވިސްނުންތެރިކަމާއި ހިކްމަތްތެރިކަމާއިއެކީ އޭގެ ބޭނުން ހިފުމަށް އެކަލާނގެ އަންގަވާފައިވެއެވެ .

ސްމާރޓް ފޯނުން ކުލަގަދަކޮށް އާރތް އަވަރ ފާހަގަކޮށްފި

ސްމާރޓް ފޯނުން ޚަބަރު ދިންގޮތުގައި އެތަނުގައި ރޭގަނޑު ބޭނުންކުރާ ހުރިހާ ބޮކިތައް ނިއްވާލައިގެން 200 އުއްބައްތި ދިއަލައިގެން މި ހަރަކާތް ހިންގީ ވިޔަފާރިކުރާ ބައެއްގެ ގޮތުން މިފަދަ ކަންކަމުގައި ބައިވެރިވުމުގެ މުހިއްމު ކަން ގަބޫލް ކުރެވޭތީއެވެ. ސްމާރޓް ފޯނުގެ ދެވަނަ ފަންގިފިލާގައި ދިރާގުގެ ބިލްތަކަށް ފައިސާ ދެއްކުމަށް ބޭނުންކުރަމުންދާ އަށް ސާރވިސް ކައުންޓރުން ޚިދުމަތް ދިނީވެސް އުއްބައްތީގެ ހިތްގައިމު އަލީގައެވެ. “ކަސްޓަމަރުން ތިބީ ވަރަށް ހިތް ހަމަޖެހިގެން” ޚިދްމަތް ދޭ ކައުންޓަރެއްގައި މަސަތްކަތް ކުރާ ކުއްޖަކު ބުންޏެވެ.  ސްމާރޓް ފޮނާއިއެކު މި ހަރަކާތުގައި އެވިންސްވެސް ކޮންމެވެސްވަރަކަށް ބައިވެރިވިއެވެ. ނަމަވެސް ހިތާމައަކީ ކުރިމަތީގައި ހުންނަ އިސްކަނދަރު ސްކޫލާއި އަމީނިއްޔާ ސްކޫލުން  ބޮތްކެއްހާ މިންވަރުވެސް ނިއްވާ ނުލި ކަމެވެ. މިފަދަ ކަންކަމުގެ ފައިދާ އިތުރުވެ ކުރިއަށް އޮތްތަނުގައި ވިޔަފާރިކުރާ އިތުރު ތަންތަނާއި ސަރުކާރުގެ ބައިވެރިވުން އިތުރު ވާނޭކަމަށް އުންމީދު ކުރާ ކަމަށް ސްމާރޓް ފޯނުން ބުނެއެވެ.

މޫނު ބުރުގާ އާއި ދީނުގެ ފަލްސަފާ – އޮޅުން އަރާ

އިސްލާމް ދީނުގައި އިންސާނުންނަށް ކުރުމަށާއި ނުކުރުމަށް އެންގެވި ކަންކަމަށް ވިސްނައިފި މީހަކަށް އެ ދީނަކީ މުޖުތަމައުގެ ސުލްހަވެރިކަމަށް މަސަތްކަތް ކުރުމަށް ގޮވާލައްވާފައިވާ ދީނެއްކަން އެނގެއެވެ. ދީނުގައި އަންގަވާފައިވާ ކަންކަމުގެ ތެރެއިން ނަމާދު ކުރުމުން ފެށިގެން ގޮސް ދޮގު ނެހެދުމަށް އެންގެވި އެނގެވުމުން ގޮސް ، ކާން ކަތިލާ ޖަނަވާރު ކަތިލުމުގައި ކަން ކުރާންވީ އުސޫލަށް ބަލައި އަންހެން ފިރިހެން ދެ ޖިންސުގެ ހެދުން އެޅުމުގެ މިންގަނޑުތަކަށް ބެލި ކަމުގައި ވިޔަސް މި ހަގީގަތް އޮތީ ފެންނާށެވެ. އިސްލާމ ދީނަކީ ، މުޖުތަމައުގެ އުފާވެރިކަން ދަމަހައްޓައި އެކުވެރި މާހައުލެއް ބިނާ ކޮއްގެން ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދިޔުމުގެ ގަވާއިދު ތަކެކެވެ

.

އެމީހަކު ކުޅަ އަމަލަކުން އަޒާބާއި ސަވާބު ލިބޭނީ އެމީހަކަށް ކަމުގައި ވިއަސް ދީނުގައި ކުރާން ނުވަތަ ނުކުރާން އެންގެވި ކަންކަމުގެ ތެރެއިން ކޮންމެ ކަމެއް ކުޅަ ކަމުގައި ވިޔަސް މުޖުތަމައަށް އެކަމެއްގެ އަސަރު ފޯރާ ކަމާމެދަކު ދީން ގަބޫލު ކުރާ މީހަކަސް ނުވަތަ ނޫނަސްހަމަ ބުއްދީގައި ހުރި އިސްލާމް ދީން އެނގޭ މީހަކަށް ދެކޮޅު ހެދޭކަށް ނެތެވެ. ދީނުގައި ކުރަން އެންގެވި ކަންކަން ކުރުމުން އެ މުޖުތަމައަށް ފައިދާ ކުރާނެއެވެ. ނުކުރާން އެންގެވި ކަންކަން ކުރުމުން އެ މުޖުތަމައަށް ގެއްލުމެވެ .ވީމާ މުޖުތަމައަށް ، ނުވަތަ ފަރުދުންނަށް ގެއްލުން ހުރި ނުވަތަ ގެއްލުމަށް މަގުފަހި ވެދާނޭކަމެއް އިސްލާމޮ ދީނަކު އަންގަވާފައިނެތެވެ. ގެއްލުންވެދާނޭ ފަދަ ކަންކަމީ އިސްލާމދީން ނަހީ ކުރައްވާ ކަންކަމެވެ.

.

މިއީ އިސްލާމް ދީނުގެ ފިލޯސަފީ އެވެ. އިސްލާމދީން އިންސާނުންނަށް ބާއްވައިލެއްވުމުން އިންސާނުންނަށް މި ދުނިޔޭގައި އޮތް ލުޔަކީ މި ފިލޯސަފީ އެނގުމެވެ. މިއަށް އަމަލު ކުރުމުގެ ފުރުސަތު ލިބުމެވެ. މި ފިލޯސަފީ އަކީ ދަނެގަންނަން ކިޔެވުންތަކެއް ކިޔަވަން ޖެހޭ ފިލޯސަފީ އެއްނޫނެވެ. މިއީ ބުއްދި ހުރި ކޮންމެ އިންސާނެއްގެ ހަށީގައި ލެއްވި ކަމެކެވެ. އާދެ ލުއި ފަސޭހަ ގޮތާއި ، އަރާމު ގޮތާއި ކަމޭ ހިތުމާއ އޯގާތެރިކަން ލިބިގަތުމަކީ ކޮންމެ މީހެއްގެ ވެސް އެތެރޭގައި ލެއްވި ކަމަކަށް ވާތީއެވެ

.

މި މައުލޫމާތުގެ އަލީގައި ވިސްނި މީހަކަށް، މީހަކު ގުރުއާނުގެ އާޔަތެއްކިޔައި ހަދީސެއްގެ މާނަ ކިޔައިގެން މީސްތަކުން ލައްވާ ކަމެއް ކުރުވަން އުޅެގަތުމުން ސާފުކޮށް ތެދު ދޮގު އެނގެން އޮންނާނެއެވެ. ވިސްނަން ޖެހޭހާވެސް ކަމަކީ އެ އެންގުމަކުން ކުރާ އަމަލަކުން މުޖުތަމައުގެ ފަރުދަކަށް ނުވަތަ ތިމާ މީހާ އަށް ގެއްލުން ވެދާނޭ ހާލަތެއް މެދުވެރި ވެދާނެތޯ ނުވަތަ ނޫންތޯ އެވެ

.
އަޅުގަނޑު މި ލިޔުން މިލިޔަނީ މުޖުތަމައެއްގެ އެންމެން މޫނު ބުރުގާ އަޅަން ވެއްޖެއްޔާ އެމުޖުތަމައެއް ގެ ބަޔަކަށް މުސީބާތްތަކާއި ކުރިމަތިވާނޭކަން އަޅުގަނޑަށް ވިސްނޭތީއެވެ. އެބަހީ މޫނު ބުރުގާ އެޅުމަކީ އިސްލާމް ދީނާއި ޚިލާފު ކަމެކޭ ބުނުމެވެ. މިއަކު ، އަޅުގަނޑު ދެކޭ ގޮތުގައި އާޔަތެއް ހަދީސެއް ކިޔުމުގެ ބޭނުމެއް ނެތެވެ. ކޮންމެ މީހަކު ވިޔަސް ވިސްނާލުމުން ފުދޭނެއެވެ. އިސްލާމް ދީނަކީ ހުރިހާ ވަގުތުތަކަށް، އަދި ޒަމާނަކަށް ފެތި އެއްވެސް ޒަމާނެއްގައި އެދީނަށް އަމަލު ކުރުމުންއެއްވެސް ގެއްލުމަކާއި ކުރިމަތި ނުވާނޭ ދީން ނޫންތޯއެވެ؟